އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރ އާއި މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަން އަދި ޤައުމީ ކުތުބުޚާނާ އާއި ގުޅިގެން ހިންގުމަށް އެއްބަސްވި ޑިޖިޓަލް ލައިބްރަރީގެ ޕްރޮޖެކްޓަކީ ކަނޑައެޅޭ ލައިބްރަރީ ތަކެއްގައި ހުރި ބިބްލިއޮގްރަފިކް ޑޭޓާތައް އެއްވިއުގައަކުން ބަލައި ލުމަށާއި ބައެއް ލިޔުންތައް ޑިޖިޓަލް ފޯމެޓްގައި ފެންނާނެހެން ހެދުމަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތެކެވެ. މި ޕްރޮޖެކްޓުގެ މުހިއްމު އެއް މަޤްޞަދަކީ ކިޔަވާ ކުދިންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަ ކަމާއި އެކު ލައިބްރަރީގެ ޚިިދުމަތް ފޯރުކޮށް ދިނުމެވެ.
އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނާއިބް އަލްފާޟިލް އިބްރާހިމް އިސްމާޢީލް އެވެ. މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަންގެ ފަރާތުން އެ އެސޯސިއޭޝަންގެ ރައީސާ އަލަފާޟިލާ އާއިޝަތު ޝަބާނާ އެވެ. އަދި ޤައުމީ ކުތުބުޚާނާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހިމް ޝިޔާމް އެވެ. މި ޕްރޮޖެކްޓްގެ ދަށުން ގްރީން ސްޓޯން ޑިޖިޓަލް ލައިބްރަރީ ސޮފްޓްވެއަރ އަދި ކޯހާ އިންޓަރގްރޭޓަޑް ލައިބްރަރީ ސިސްޓަމް ސޮފްޓޮވެއަރ ބޭނުންކޮށްގެން ލައިބްރަރީތައް ތަރައްޤީ ކުރެވޭނެއެވެ.
މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީ ކުރެޥޭނެ ލައިބްރަރީ ތަކަކީ:
· ޖަލާލުއްދީން ސްކޫލް (ހދ.ކުޅުދުއްފުށި)
· ޅ. އަތޮޅު ތަޢުލީމީ މަރުކަޒު (ޅ.ހިނަނަވަރު)
· އަމީނިއްޔާ ސްކޫލް (ކ.މާލެ)
· ދ. އަތޮޅު ތަޢުލީމީ މަރުކަޒު (ދ. ކުޑަހުވަދޫ)
· ހަމަދް ބިން ޚަލީފާ އަލްސާނީ (ލ.ގަން)
· ގދ. އަތޮޅު ތަޢުލީމީ މަރުކަޒު (ގދ.ތިނަދޫ)
· ޏ.އަތޮޅު ތަޢުލީމީ މަރުކަޒު (ޏ.ފުވައްމުލައް)
· މުހިއްބުއްދީން ސްކޫލް (ސ.ހިތަދޫ)